ޚަބަރު

ޕީޕީއެމް ވައިގެތެރެއަށް ދޫކޮށްލައި، އެހެން ޕާޓީއެއް ނުހެދޭނެ : އިލެކްޝަންސް

އަހުމަދު ޖައިޝަން

އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް ވައިގެ ތެރެއަށް ދޫކޮށްލައި އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޖާގަ ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ އިސް ފަރާތްތަކެކެވެ.

އަދި އެ ޕާޓީ އުފެއްދުމަށްޓަކައި އިއްޔެ ވަނީ 4،000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ޕީއެންސީން ހުށަހެޅި ފޯމުތަކުގައި ޕީޕީއެމް ގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭތޯ އަދި ބަލާފައި ނުވާ ކަމަށެވެ.

"އެކަންވެސް އަޅުގަނޑުމެން ޗެކް ކޮށްފައި، އެކަމާ މެދު ކުރެވޭނެ ކަމަކީ ކޮބާތޯ އިލެކްޝަންސް ކޮމިޝަނުން ހަމަ މަސައްކަތް ކުރަމުން ދާނަން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕާޓީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އޭގައި އޮތް އާންމު އުސޫލުގެ ދަށުން ކަމަށެވެ.