ޚަބަރު

ގާނޫނީ ވަކީލު ޝާންގެ ސަސްޕެންޝަން އުވާލައިފި

މަރިޔަމް ޝަހުދާ

ގާނޫނީ ވަކީލު އަހްމަދު ޝާންގެ ސަސްޕެންޝަން އުވާލައިފި އެވެ. މިކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މިއަދު އިއުލާން ކޮށްފައެވެ.

މި ބަޔާނުގައި ވަނީ 2017 ވަނަ އަހަރު ޝާން ސަސްޕެންޑް ކުރި ކުރުމާއި ގުޅިގެން މިހަފްތާގައި ޝާން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން ބެލި ބެލުމުގައި ޝާންގެ މައްޗައް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމަށް ބަދަލެއް އައިސްފައި ނުވުމުގެ ސަބަބުން ޝާންއަށް ލިބިފައިވާ، ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީގޮތުން މަނާ ކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށްވެސް މި އިއުލާނުގައި ވެއެވެ.

3 ޑިސެމްބަރ 2017 ގައި ގާނޫނީ ވަކީލު އަހްމަދު ޝާން ސަސްޕެންޑް ކުރެވިފައިވަނީ، ބަދުއަހުލާގީ އަމަލުތަކެއް ހިންގުމުގެ ކުށުގެ ދައުވާ ޝާންގެ މައްޗައް ދައުލަތުން އުފުލުމުގެ ސަބަބުން އެކަމާ ގުޅޭގޮތުން ވަކިގޮތެއް ކަނޑައެޅެންދެނެވެ.