ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރުމަށް އާންމު ފަރާތްތަކުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އައްޑޫ ސިޓީގެ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމުގެ އަމުރަކަށް އެދި ހައިކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
އެމައްސަލައިގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅަފައިވަނީ، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އާއި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ އެވެ.
އައްޑޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، މަރަދޫ ފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.
ހުށަހެޅި އެމައްސަލައިގައި ދާއިރާ ވަކި ކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިމެންދެން، އައްޑޫ ދާއިރާގެ މަޖިލިސް އިންތިޚާބު ބޭއްވުމާ ބެހޭ ހުރިހާ ކަމެއް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށް ދިނުމަށެވެ.
މަޖިލިސްގެ އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ދާއިރާތައް އިތުރުވީ ހަމައެކަނި މާލޭގަ އެވެ. މާލޭގައި ދެ ދާއިރާ އިތުރުވި އެވެ.
މަޖިލިސް އިންތިޚާބުގެ ގާނޫނު ބުނާގޮތުން ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
މީގެއިތުރުން މަޖިލީހުގައި މަރަދޫފޭދޫގެ ނަން އިންނަ ގޮތަށް މަރަދޫފޭދޫ އަށް ގޮނޑިއެއް އިތުރުކުރުމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ހުށަހަޅުއްވާފައެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ އައްޑޫ ސިޓީގެ މަރަދޫފޭދުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްފަހު މަރަދޫ ފޭދޫ ދާއިރާ ކަނޑައަޅައިދެވެން ނެތް ކަމަށް ނިންމާފައެވެ.