ޝަހީދާ އަބްދުﷲ ސައީދު
ކޯޓުތަކާއި ފަނޑިޔާރުން އައްޔަންކުރުމާއި ބެހޭ ގޮތުން، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން( ޖޭއެސްސީ) އިން އެކުލަވާލި ކޮމެޓީގެ ރައީސަކަށް އެކޮމިޝަންގެ މެންބަރު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ހަމަޖައްސައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަގީގަތް ހޯދައި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމާތާއި އަދި ހެކިތަކުގެ މައުލޫމާތު ހޯދުމަށް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ކަމަށެވެ.
އަދި ސުއޫދުގެ ފަރާތުން ފޯރުކޮށްދެވެންް ހުރި މައުލޫމާތާއި ހެކި ހިއްސާކުރުމަށް އެންގުމަށާއި އަދި ދައުލަތުގެ ތަހުގީގީ އިދާރާތަކުންނާއި އެހެނިހެންވެސް ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެބައްދަލުވުމުގައި ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނީ ފަނޑިޔާރުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުންތައް އެކަމުގައި ޝާމިލުވާކަމެއް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާ މެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ކޮމެޓީގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ގެންދަން ނިންމައި ކޮމެޓީގެ މަސައްކަތް ކުރިއަށްދާގޮތް އާންމު ކުރުމަށްވެސް ކޮމެޓިގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތައް ޖޭއެސްސީން ބަލަމުން އަންނަކަމަށް އެކޮމިޝަނުން ބުނިއިރު، ސުއޫދު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުތަކާ ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ވިދާޅުވެފައެވެ.
އެމައްސަލައިގައި ސުއޫދުއާ މެދު ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.