ޚަބަރު

ކަޅުވަކަރު މިސްކިތް އަލުން ބަހެއްޓުމަކީ ދިވެހި ބިމުން އިސްލާމްދީން ފޮހެނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް: ޝާހިދު

މަރިޔަމް ޝަހުދާ

އާސާރީ ކަޅުވަކަރު މިސްކިތް އަލުން ބަހެއްޓުމަކީ ދިވެހި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެކަމުގެ ވަރުގަދަ މެސެޖެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް މިއަދު އަލުން ހުޅުވުމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ އައިސް ސްކޭޓިން ރިންކެއް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަންގަވާ އެއްލާލެއްވި މިސްކިތެއް ކަމަށެވެ.

އެ މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭ އަލުން ބަހައްޓަވައި ދެއްވުމަކީ ރާއްޖެ އިސްލާމްވި ދުވަހު ރައީސް ސޯލިހު ދެއްވި އަގުހުރި ހަދިޔާއެއް ކަމަށާއި އަދި އެއީ ދިވެހި ބިމުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހިރިގަލުން ބިނާކޮށްފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައި ހުރި ހަމައެކަނި މިސްކިތެކެވެ. އެގޮތުން ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި އެ މިސްކިތް އަލުން ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައެވެ.

އެ ފަހުން އިމާދުއްދީން ރަދުން، މަޖިދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވި އެވެ. ނަމަވެސް އިމާދުއްދީން ރަދުން އެތަނަށް މިސްކިތް ބަދަލު ކުރެއްވުމުގެ ކުރީގައި އެމިސްކިތް ހުރީ ކޮންތަނެއްގައިކަން މާ މުއުތަބަރު ގޮތެއްގައި އެނގި ހާމަވާކަށް ނެތެވެ.

އިމާދުއްދީން ރަދުންގެ ފަހަށް ރައީސް، އިބްރާހިމް ނާސިރު ކަޅުވަކަރު މިސްކިތް ފުރަނަފުށީގެ ރިސޯޓު ހިންގި ފަރާތަށް ވިއްކަވައިލެއްވި އެވެ. އޮކްޓޯބަރު 1، 1978ގައި ނީލަން ކިޔައިގެން ކަޅުވަކަރު މިސްކިތް އެ ރިސޯޓުން ގަތީ 9715 ރުފިޔާ 26 ލާރި އަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން 1979 ވަނަ އަހަރު އެ މިސްކިތް ސަރުކާރަށް ނަންގަވަން ނިންމެވުމުން ފުރަނަ ރިސޯޓުން އެ މިސްކިތް ދިވެހި ސަރުކާރަށް ހަދިޔާކުރެއްވި އެވެ. އަދި ސަލްޓަން ޕާކު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބައްދަލުކޮށް އަލުން ހުޅުވީ ނޮވެމްބަރު 5، 1980 ގައި ރައީސް މައުމޫނެވެ.

އެ މިސްކިތް އަލުން ރޫޅައިލީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް އަދި ހުޅުމާލެއަށް ބަދަލުކުރުމުގެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެ ސަރުކާރު ބަދަލުވެގެން ދިޔައިރު ވެސް އެ މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރޭވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތުގެ ބައިތައް ވަނީ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރީގައި ޓަކިބޭ މިސްކިތް ހުރި ތަނުގައި ކަޅުވަކަރު މިސްކިތް ރާވަން ފެށި އެވެ. އެ މަސައްކަތް ނިންމާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެތަން މިއަދު ހުޅުވި އިރު، މިސްކިތް ވަށައިގެން އޮންނަ ސަރަހައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިސްކިތް ހުޅުވާފައިވަނީ އާންމުންނަށް ނަމާދު ކުރެވޭނެ ގޮތަށެވެ.