ޚަބަރު

އިންޑޮނީޝީއާގެ އެއާޓްރެފިކް ކޮންޓްރޯލަރު އެންމެން ހައިރާންކޮށްލައިފި

މުހައްމަދު އައުޒަމް

އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރި އިންޑޮނީޝީއާގެ އެއާޓްރެފިކް ކޮންޓްރޯލަރ އެންމެން ހައިރާންކޮށްލައިފިއެވެ.

އެންތޮނިއަސް ގުނަވަން އަގުންގ އަކީ އިންޑޮނީޝިއާއަށް އައި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންލިބުނު ޕަލުގެ މުޓިއަރާ ސިސް އަލް ޖުފްރީ އެއާޕޯޓުގެ އެއާޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ބިންހެލުން އައިވަގުތު އޭނާ ހުރީ ޓަވަރުގެ ޑިއުޓީގައެވެ.

ބިންހެލުމުގެ ފުރަތަމަ ލޮޅުމާއިއެކު ޓަވަރުގައި އަގުންގއާއެކީ ޑިއުޓީގައި ތިބި އޭނާގެ އެކުވެރިން ވަނީ ޓަވަރު ހުރި އިމާރާތް ދޫކޮށް ސަލާމަތް ހޯދައިފައެވެ. ނަމަވެސް އެވަގުތު ރަންވޭ މަތީގައި ފުރަން ތައްޔާރުވެފައި ބަޓިކް އެއަރގެ ފްލައިޓެއް އޮތެވެ. އަގުންގ އޭނާގެ ފުރާނަ އަތްމައްޗައް ލައިގެން މަސައްކަތް ފެށީ ސަލާމަތްތެރިކަމާއެކު ފްލައިޓު ފުރުވާލުމަށެވެ.

ދެވަނައަށް އައި ބޮޑު 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން އައިވަގުތު އަގުންގ ވަނީ ފްލައިޓު ނައްޓާލުމަށް ރަންވޭ ކްލިއާ ކަމަށް ބުނެފައެވެ. އެއަށްފަހު އޭނާވަނީ ހަތަރު ބުރީގެ އުސްމިން ހުރި ޓަވަރުގެ ކުޑަދޮރުން ފުންމާލާފައެވެ. އެވަގުތު ޓަވަރުވެސް ބިންހެލުމުގެ ބާރުލޮޅުންތަކާއެކު ވެއްޓުނެވެ. އަގުންގ ބިންމަތީ ޖެހުމާއިއެކު ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް އޮފިޝަލުން މައުލޫމާތު ދިނެވެ.

އަވަސް ފަރުވާދޭ ޓީމުން އެހިސާބަށް ގޮސް އަގުންގ ހޮސްޕިޓަލަށް ގެންދެވުނެވެ. އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި ގެއްލުން ތަކެއްލިބި އަގުންގގެ ފައި ވެސް ވަނީ ބިނދިފައެވެ. އަގުންގގެ ސިއްޙީ ހާލަތުހުރި ގޮތުން ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރަން ހެލިކޮޕްޓަރުން ދަތުރުކުރަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

22 އަހަރުގެ އަގުންގގެ މަސައްކަތަށް އެންމެން ދަނީ ތަޢުރީފުކުރަމުންނެވެ. އޭނާއަށް ބަޠަލެއްގެ ލަގަބު އިންޑޮނީޝިއާއިން ވަނީ ދީފައެވެ.

ބަޓިކް އެއަރ އިންވެސް ވަނީ އަގުންގގެ މަސައްކަތް ފާހަގަކޮށް ޓްވީޓް ކޮށްފައެވެ. އަގުންގ އާއެކު ޓަވަރުގައި މަސްއްކަތް ކުރާމީހުންވެސް ވަނީ އޭނާއަކީ ވަރަށް ކެރޭ އަދި އެހާމެ ހިތްހެޔޮ މީހެއްކަން ފާހަގަކޮށްފައެވެ.

އަގުންގގެ ހަށިގަނޑު މިހާރުވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

ބާރުގަދަ ބިންހެލުމަކަށް ފަހު އައި ސުނާމީގައި އެތައްސަތޭކަ މީހުން މަރުވެ އެތައްހާސް ބަޔަކު ގެއްލިފައިވާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރަމުންނެވެ.