ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި މިނީ ބަސް ތައާރަފުކޮށް، ބަސްދުއްވުމުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލޭގައި މިނީ ބަސް ތައާރަފުކުރަން ނިންމީ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ.
އެމްޓީސީސީއާ އެމްޕީއެލްއިން ބަހުގެ ހިދުމަތް ދެމުންދާތީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ކުރިއަށް ގެންދާ ބަސް ދަތުރުތައް، އެމްޓީސީސީއާ ހަވާލުކުރަން ނިންމައި، ތިމާވެއްޓާއި ރައްޓެހި ބަސްތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ.
އަދި މިހާރުވެސް ބަހުގެ ހިދުމަތް ނުލިބިގެން މަޑުކުރަން ނުޖެހޭނެ ކަމަށާއި އެކި ސަރަހައްދުތަކުގައި ބަސް މަޑުކޮށް، މީހުން ނަގަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.