އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސް ފަށާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާގައިވާ ގޮތުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީވެސް ހަމައެކަނި ބަޖެޓަށް ބަހުސްކުރުން ކުރިއަށް ގެންދިއުމަށެވެ. އޭގެ އިތުރުން އެހެން މަސައްކަތެއް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ބަޖެޓް ކޮމީޓީން މިހާރު ކުރިއަށްގެންދާ އިރު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮމިޓީން ބަޖެޓުގެ މަސައްކަތް ނިންމައި މަޖލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރުމަށްފަހު މިމަސް ނިމިގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ގާނޫނުގައިވާ ގޮތުން ބަޖެޓް ފާސްކުރަން ޖެހެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 34,787,720,151 ރުފިޔާ (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެގޮތުން ޓެކުހުން 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 5.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އަންނަ އަހަރު ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ ކަންތައްތަކެއް ހިމަނައިފައެވެ. އެގޮތުން ދިވެހިންނަށް ބިން ވިއްކައިގެންނާއި ފަތުރުވެރިކަމަށް ބިން ދޫކޮށްގެންނާއި ޕާކިން ފީ ނަގައިގެންނާއި ޓެލެކޮމް ލައިސަންސް ފީއާއި ރިއަލް އެސްޓޭޓުން ލިބޭ އާމްދަނީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ޖުމްލަ 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރާނީ ޕީއެސްއައިޕީގެ މަޝްރޫއު ތަކަށާއި މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. އެގޮތުން ބަޖެޓުގެ 48 އިންސައްތަ ހޭދަކުރެވިގެންދާނީ އެ ދެކަންތަކަށެވެ.