މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

މާލެ ސަރަހައްދުގައި މީޓަރު ޓެކްސީ ތައާރަފުކުރަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފުކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖެއަށް މީޓަރު ޓެކްސީ ތައާރަފު ކުރަން ނިންމާފައިވަނީ ގިނަ ރައްޔިތުން މީޓަރު ޓެކްސީއަށް ބަދަލުކުރުމަށް އެދުމުން ކަމަށެވެ. މިސަރުކާރަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދޭން ތައްޔާރަށް އޮތް ސަރުކާރެއް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މީޓަރު ޓެކްސީ ތައާރަފުކުރި ނަމަވެސް މާލޭގައި މިހާރު ދަތުރަކަށް ނަގަމުންދާ 25 ރުފިޔާއަށްވުރެ އަގުބޮޑު ނުވާނެ ކަމަށެވެ. އަދި އަގު ކަނޑައަޅާނީ މިނިސްޓްރީން އާންމުންނާއި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ވިސްނުން ހުރީ މީޓަރު ޓެކްސީއަށް ބަދަލުކޮށްގެން ކުރިއަށް އޮތްތަނުގައި ޓެކްސީ ދުއްވާ ގޮތަށް. މިބަދަލު ގެނައީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެގޮތަށް އެދޭތީ. މި ބަދަލު ގެންނާނީ އެއް ބަޔަކަށް މޮޅުވެފައި އަނެއް ބަޔަކަށް ދެރަ ލިބޭ ގޮތަށް ނޫން. ދެ ފަރާތަށް ވެސް އެކަށީގެންވާ ގޮތަށް ނިންމާނީ.'' މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓެކްސީ ދަތުރުތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ ފަރާތްތަކުން ހިޔާލު ހުށަހަޅާފައިވާކަމަށާއި މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި އެކަމުން ދޭހަވެގެން ދިޔައީ އާންމުން އެކަމަށް ބޭނުންވެފައި ތިބި މިންވަރު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ބްރިޖު ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުވުމާއި ގުޅިގެން މިހަފްތާގައި ބޭއްވި ފޯރަމުގައި ޓެކްސީ ޑްރައިވަރުން ވަނީ ކުރާ ހަރަދާ އަޅައި ބަލާއިރު ނަގާ އަގު ކުޑަކަަމަށް ބުނެ އަގުތަކަށް ބަދަލު ގެނައުމަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް އާންމުންގެ ތެރެއިން ފޯރަމްގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ބުނެފައިވަނީ ބްރިޖާއި ހައިވޭގައި ކުރާ ދަތުރުތަކަށް ނަގާ އަގުތައް މާބޮޑު ކަމަށް ބުނެ އެކަމާ ދެކޮޅަށް ހިޔާލުފާޅުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟