މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

މާޗް 10 ގެ ފަހުން ބްރިޖާއި ހައިވޭގައި ހެލްމެޓް އެޅުން މަޖުބޫރު ކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ބްރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން މިއަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ގިނަކަމަށާއި އެކަމާ ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ހައިވޭގައި ދުއްވާ ނަމަ ހެލްމެޓް އަޅަން މަޖުބޫރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި ހެލްމެޓް އަޅަން މަޖުބޫރު ކުރީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ. އަދި ބްރިޖުމަތީގައި ހިނގާ އެކްސިޑެންޓް ތަކުގައި ބޮލަށް ގެއްލުންވެ މީހުންގެ ފުރާނައަށް ނުރައްކާވާ ހާދިސާތައް ހިނގާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފަހަކަށް އައިސް ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީހުންގެ ފުރާނަ ރައްކާތެރި ކުރުމުގެ މަސައްކަތަކީ ގާނޫނާއި ގަވާއިދުތައް ކަނޑައަޅައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.

މާޗު މަހުގެ ދިހަވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލު ކުރަން ފަށާއިރު، އެސޫލަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިވަޅުއަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގައި ދުއްވާ ފަރާތްތަކުގެ އަމަލުތައް ޓްރެފިކް ފުލުހުން ބަލާނެ ކަމަށާއި ހެލްމެޓް ނާޅައި ބްރިޖަށް އަރާނަމަ ފުލުހުން ހުއްޓުވާނެ ކަމަށެވެ.

މީގެ އިތުރުން ބްރިޖާއި ހައިވޭގެ އިތުރުން ރިންގްރޯޑުގައި ވެސް އާންމު މިންގަނޑަށް ވުރެ ބާރަށް ދުއްވަން ހުއްދަ ދީފައި އޮންނަ އިރު އެމިންގަނޑާ ޚިލާފަށް ބައެއް ފަރާތްތަކުން ދުއްވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.