މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އދ. އަތޮޅުގެ ފަޅުރަށެއް ކައިރިންވެސް ފެނިއްޖެއެވެ.
އދ. މަހިބަދޫ ކައުންސިލުގެ ނައިބު ރައީސް ގާސިމް ސިހާން "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެތަކެތި ފެނުނީ އދ. ހަންޏާމީދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ އަލިކޮއިރަށަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ދަތުރު ދިޔަ ބަޔަކަށް ކަމަށެވެ.
ގާސިމް ވިދާޅުވީ، މަތިންދާބޯޓެއްގެ ބައިތަކެއް ފެނިފައިވާކަން ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށާއި ބައެއް ފޮޓޯތައްވެސް ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ފެނިފައިވާ މަތިންދާ ބޯޓުގެ ބައިތައް އަދިވެސް ހުރީ އދ. އަލިކޮއިރަށުގައެވެ.
އދ. އަތޮޅުން މަތިންދާބޯޓުގެ ބައިތަކެއް ފެނިފައިވާ އިރު، ދ. މީދޫ ކައިރިންވެސް އިއްޔެ ވަނީ މަތިންދާބޯޓެއްގެ ބައިތަކެއް ފެނިފައެވެ. އެނގިފައިވާ ގޮތުގައި މީދޫ ކައިރިން ފެނިފައިވަނީ އެމްކިއު-9 ރީފާ ޑްރޯންގެ ފިޔަގަނޑެކެވެ.