ފިޝަރީޒް މިނިސްޓްރީން މީގެ ކުރީން ދެމުންދިޔަ މޯބައިލް ވެޓެރިނަރީގެ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިފި އެވެ.
ވިލިމާލޭގައި ވެޓެރިނަރީ ސާވިސް ރަސްމީކޮށް މިއަދު ފަށާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާފައިވަނީ މިނިސްޓަރު ޒަހާ ވަހީދެވެ.
އެ ހިދުމަތް ރަސްމީކޮށް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދަށްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މިއަދު ތައާރަފުކުރި ހިދުމަތަކީ ކްލިނިކެއްގެ ހިދުމަތް ނޫން ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރީން މިނިސްޓްރީން ފޯރުކޮށްދެމުން ދިޔަ މޯބައިލް ވެޓެރިނަރީގެ ހިދުމަތް އެއްތަނަކުން ދެވޭ ގޮތަށް ބަދަލުކުރީ ކަމަށް ޒަހާ ވިދާޅުވި އެވެ.
"މި ހިދުމަތް ފޯރުކޮށްދިނުމަށް ކޮންމެވެސް އަގެއް ނަގާނެ. ޖަނަވާރުތަކަށް ފަރުވާ ދިނުމަށް ހާއްސަ ބޭސްތަކެއް ބޭނުންވާނެ. އަދި އެ ބޭސްތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ،" ޒަހާ ވިދާޅުވި އެވެ.
ޒަހާ ވިދާޅުވީ ޖަނަވާރުތަކަކީ އިންސާނުންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ އެއްޗެހި ކަމަށެވެ. އަދި އެކަމަކީ ދީނުގައިވެސް ބާރުއަޅާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ހިދުމަތް ފެއްޓެވުމުގެ ގޮތުން އާންމު ދެކުދީންގެ ބުޅަލަކަށް ވަނީ ވެކްސިން ޖަހާފައެވެ.
މިނިސްޓްރީން ބުނީ ވެޓް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގައި ކަމަށެވެ. އަދި އެ ހިދުމަތް ލިބޭނީ ހެނދުނު 0900 އިން 1400އާ ހަމައަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.