ޚަބަރު

ގަލްފް ކްރާފްޓުން ރާއްޖޭގައި 400 މިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަނީ

އަލީ ޔާމިން

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ.

ރާއްޖޭގައި މިހާރުވެސް ކަނޑު އުޅަނދު ފަހަރު ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއް ކުރާ ގަލްފް ކްރާފްޓު ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން "ގަލްފް ލެގޫން"ގެ ނަމުގައި ރާއްޖޭގައި ފަޅެއް ތަރައްގީކުރަން މިއަދު ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި މިއަދު ހަވީރު ބޭއްވި ސޮއިކުރުމުގެ ރައްމިއްޔާތުގައި އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ މަހުޖަނެއް ކަމަށްވާ މުހައްމަދު ހުސެއިން އަލްޝާލީއެވެ.

އެނގިފައިވާ ގޮތުގައި، މާލެ އަތޮޅު ސެންތާރާ ކައިރީގައިވާ ފަޅެއް ހިއްކައިގެން ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން ހަތަރު ރިސޯޓު ހިމެނޭހެން އަށް ރަށެއް ހިއްކާނެއެވެ.

މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއްވެސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާނެއެވެ. އަދި ސަފާރީތަކާއި ޔޮޓުތަކަށް ހާއްސަ ބަނދަރެއް ހަދާއިރު ޒުވާނުންނަށް ތަމްރީނުތައް ދޭނެ ސެންޓަރެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް އަރާނެއެވެ.

މި މަޝްރޫއުގެ ފަށަން ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ އެނބޫދޫ ފަޅުގައި މިހާރު ހަދާފައިވާ ރިސޯޓުތައް ހިއްކުމުގެ މަސައްކަތްވެސް ކުރި އެސްއޭއެސްއީ ކޮންޓްރަކްޝަން ކުންފުންޏާއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތިން އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ގަލްފް ކްރާފްޓަކީ 1982 ވަނަ އަހަރުން ފެށިގެން ކަނޑުއުޅަނދު ފަހަރު ބަނުމުގައި ހަރަކާތްތެރިވަމުން އަންނަ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.