ޚަބަރު

ވައްކަން ވަރިހަމަ ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރި: ނަޝީދު

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްކަން ވަރިހަމަ ކުރުމަށް މަސައްކަތް ކުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ފާތިމަތު އިޝާން އަލީގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. ނަޝީދު ވަނީ މަޖިލީހުގެ ތަޅުމުގައި ބައެއް ފަހަރު އެއްގޮތަކަށް ވެސް ދައްކަން ނުވާ ފަދަ ވާހަކަ ދައްކަވާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް މެމްބަރުން ދައްކަވަމުން ގެންދިޔަ ވާހަކަތަކާ، އަދި ބައެއް ފަހަރަށް އެއްގޮތަކަށްވެސް އެކަށީގެން ނުވާ ވާހަކަތައް، އެއީ މަޖިލިސް ތަޅުމުގައި ފައިސާ ގޯނީގެ ވާހަކަ ދެއްކުމާއި އަދި ލަދެއްނެތި މިކަންކަމުން އެބޭފުޅުން އެއްކިބާވުމަށް މަސައްކަތް ނުކުރައްވާ އެބޭފުޅުންގެ ނަޒަރުގާ އެއީ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާނެކަމެއް ނޫންކަމަށް ދެކި ވަޑައިގަންނަވާ ވައްކަން ވަރިހަމަ ކުރުމަށްޓަކައި އެބޭފުޅުން އަމަލު ކުރައްވަމުން ގެންދެވިތަން ރާއްޖޭގެ ރައްޔިތުން ދެކިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމަލުތަކަކީ ރައްޔިތުން ވަރިހަމަ ނުކުރާނެ ކަންކަން ކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ ތަރައްގީގެ ވަސީލަތަކަށް ވާންޖެހޭ ކަމަަށްވެސް ނަޝީދު ވިދާޅުވިއެވެ. ހަމަ އެއާއެކު ނާޖާއިޒު ފައިދާއާއި ކޮރަޕްޝަނާއި ވައްކަން މިއީ ރައްޔިތުން އެދޭގޮތް ނޫންކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އަންނަނީ މިފަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން މެޖޯރިޓީ ހޯދުމުގެ ގޮތުން އެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަަށްދަނީ އެމްޑީޕީގެ އެކި ޕްރައިމަރީގާ ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން އިފްތިތާހުކުރުމުގެ މަސައްކަތްތަކެވެ. މި ފަހަރުގެ މަޖިލީހުގައި ރައީސް ނަޝީދުވެސް ވަނީ މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލުމަށް ނިންމަވައިފައެވެ.