ރާއްޖެ އައި ބަނގުލަދޭޝްގެ ރައްޔިތެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މައުލޫމާތުދޭ ގޮތުގައި އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޯމަ ދުވަހު، އުމުރުން 31 އަހަރުގެ ބަނގުލަދޭޝް ރައްޔިތެއްގެ އަތުންނެވެ.
ކަސްޓަމްސް އިން ބުނީ ބަނގުލަދޭޝް އިން ރާއްޖެ އައި އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓެއްގައި 2084 އޮރެންޖު ކުލައިގެ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތެތީގެ ބާވަތެއް ކަމަށްވާ އެމްޕެޓެމައިން (ޔާބާ)އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 282 ގްރާމު ހުރި އިރު އެ ތަކެތީގެ މަގުމަތީ އަގަކީ 1.6 މިލިއަން ރުފިޔާ ކަމަށާއި އެ މައްސަލައިގައި ޝާމިލުވާ މީހާއާ އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.