މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާ ދިއުން ހުއްޓުވުމަށް ފުލުހުންނަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.
ފުލުހުންގެ އިދާރާއަށް މިރޭ އާންމުންގެ ބަޔަކު ޕެޓިޝަނެއް ހުށައަޅާފައިވަނީ މާލޭގައި ބަޔަކު އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީވެ އެކަން ހުއްޓުވުމަށް ފުލުހުންނަށް ބާރުއެޅުމުގެ ގޮތުންނެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި ފުލުހުންގެ އިދާރާއިން އަންނަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ރާއްޖޭގެ ގާނޫނުގައި ވާގޮތުގައި ޖަނަވާރަކަށް ބޮޑު އަނިޔާއެއް ދިނުމަކީ ކުށެކެވެ. އަދި މިކަމަށް ހަ ދުވަހާއި ތިން މަހާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނުގައި ވެއެވެ.
މިހަފްތަ ފެށުނީއްސުރެ މާލޭގެ އެކި ސަރަހައްދުތަކުން އަނިޔާވެރިކޮށް މަރާލާފައިވާ ބުޅާ ފެނިފައިވާ އިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.