ޚަބަރު

ޓެކްސީ ދަތުރުގެ އަގުތަކާއި ހިދުމަތާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ސާވޭއެއް

މާލޭ ސަރަހައްދުގެ ޓެކްސީ ހިދުމަތުގެ އަގުތަކާއި ހިދުމަތާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ސާވޭއެއް ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ އަގުތައް ކަނޑައެޅުމަށާއި ހިދުމަތުގެ ފެންވަރު ދެނެގަތުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ އޮންލައިން ސާވޭ ފޯމަކުންނެވެ.

ޓެކްސީތައް ބޭނުންކުރަން އެދެނީ މީޓަރު ޓެކްސީ ތައާރަފްކޮށްގެންތޯ، އޮންލައިން އެޕްލިކޭޝަނަކުންތޯ ނުވަތަ މިހާރު ވެސް އޮންނަ ގޮތަށް ވަކި އަގެއް ނަގާގޮތަށް އޮތުންތޯ ބެލުމަށް ހުޅުވާފައިވެއެވެ.

އޭގެ އިތުރުން އެ ސާވޭ ފޯމުގައި މޭލެ ތެރޭގައި ޓެކްސީ ދަތުރުކުރުމަށް އެންމެ ރަނގަޅު އަގާއި މާލެއިން ހުޅުލެއަށް ޓެކްސީ ދަތުރުކުރުމަށް އެންމެ ރަނގަޅު އަގާއި މާލެއިން ހުޅުމާލެއަށް ޓެކްސީ ދަތުރުކުރުމަށް އެންމެ ރަނގަޅު އަގު ހޯދުމަށް ހުޅުވާލާފައިވެއެވެ.

މިހާރު ޓެކްސީތަކުން މާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އަގާ މެދު އާންމުން ދެކޭ ގޮތާއި މާލޭގައި ޓެކްސީ ކުރުމަށް ބޭނުންކުރާ ޓެކްސީގެ ހާލާތުތަކާ މެދު ދެކޭ ގޮތް ވެސް ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުން ވެސް އެކަމާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލާފައިވެއެވެ.

ޓެކްސީ ހިދުމަތުގެ އަގުތައް ކަނޑައެޅުމުގެ ގޮތުން ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ހިޔާލު ހޯދުމަށް އިއްޔެ ވަނީ ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.