ޚަބަރު

ކުރީގެ ދެ ރައީސުން ނޮވެލްޓީ އަލީ ހުސެންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ނޮވެލްޓީ އަލީ ހުސެންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ދެ ބޭފުޅުންވެސް ނޮވެލްޓީ އަލީ ހުސެންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި ވަނީ ޓުވީޓެއް މެދުވެރިކޮށެވެ.

ރައީސް މައުމޫނު ކުރެއްވި ޓުވީޓުގައި ވަނީ އަލީ ހުސޭނަކީ މުޅި ރާއްޖެ ދުށް ޗާޕުކުރުމުގެ އެންމެ ބޮޑު އެއް ފަރާތެވެ. މީގެ އިތުރުން ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާއަކީވެސް އަލީ ހުސެންގެ އިސްނެންގެވުމުގެ ދަށުން ޗާޕުކުރެވިފައިވާ ފޮތެއްކަން މައުމޫން ފާހަގަކުރެއްވި އެވެ.

ހަމަ އެއާއެކު ރާއްޖޭގެ ޗާޕުކުރުމުގެ ދާއިރާއަށް ކުރައްވާފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް 2003 ވަނަ އަހަރު ސަރުކަރުގެ ފަރާތުން އަލީ ހުސެއިނަށް ދެވުނު އެވޯޑް އަލީ ހުސޭނާ ހަވާލު ކުރުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އަލީ ހުސެއިނަކީ ރާއްޖޭގައި ޗާޕު އާންމުވެ، ލިޔެކިޔުންތައް ގިނަވެ ދިއުމުގެ ފަހަތުގައި ހުރި އެންމެ ބޮޑު ބާނީ ކަމަށް ވިދާޅުވެފައެވެ. އަދި އަލީ ހުސެއިންގެ މަސައްކަތަކީ ރާއްޖޭގެ ތަރައްގީއަށް ލިބުން ބޮޑު ބާރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.

އަލީ ހުސެއިން އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.