ހިތާނީ ޕާޓީތަކާއި ޝޯތައް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން ނެރުނު ކުދިން ހިތާނުކުރުމުގެ ހަރަކާތްތައް ބޭއްވުމުގެ އުސޫލުގައި ބުނީ ހިތާނު ކުރުމާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި އެގޮތުން މާސްކު އެޅުމާއި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި ގޭގެއަށް ޒިޔާރަތް ނުކުރުމަށް އެދޭ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ހިތާނު ކުރާ ގިނަ ކުދިން އެކުގައި އެއް ތަނެއްގައި ބޮޑު ހޯލެއްގައި ނުބޭތިއްބުމަށާއި އަމިއްލަ ގޭގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ހިތާނު ކޮށްފައި ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން އަދި އެއް އާއިލާއެއްގެ ކުދިން ބޭތިއްބުމަށާއި ތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ވަނީ ގޭތެރޭ މަދުވެގެން އެއް ފަހަރު ސާފުކުރުމަށާއި ކޮންމެ މީހަކުވެސް ކެއުމާއި ބުއިމަށް ވަކި ތައްޓާއި ސަމުސާ ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.