މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކެޕްޓަން މުހައްމަދު ރާމިޒް ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ ކެޕްޓަން މުހައްމަދު ރާމިޒް ނިޔާވި އިރު، އޭނާގެ އުމުރަކީ 48 އަހަރެވެ.
މިހާރު އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރާމިޒް މިއަދު ހަވީރު އެކްސަސައިޒުގައި ބައިވެރިވެ، ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ފަރުވާ ދިނުމަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ކެޕްޓަން ރާމިޒް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 19 އޯގަސްޓް 1995 ގައެވެ. ރާމިޒްގެ ހިދުމަތުގެ މުއްދަތުގައި ހޯއްދަވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ހިދުމަތުގެ މެޑަލި، އަހުލާގީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ، އަހުލާގީ ކުލަ ތިން ފަހަރަށް ،އިހްލާސްތެރި ހިދުމަތުގެ ކުލަ އަދި ސިފައިންގެ ހިދުމަތުގެ ކުލަ ހިމެނެއެވެ.
ކެޕްޓަން މުހައްމަދު ރާމިޒް ނިޔާވި އިރު ސިފައިންގެ ހިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ.