ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެކަމުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.
ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން އެއާޕޯޓްގެ ބިން ހިއްކައި ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން އެ އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
މިދިޔަ ސަރުކާރުން ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާއެވެ. އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ މާޗް 7، 2017 ގަ އެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލްކުރި އެވެ.