ރާއްޖެއިން ކޮރަޕްޝަން ހުއްޓުވައި، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރެއްވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކަންބޮޑުވެލައްވާ ކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެބައްދަލުކުރެއްވުމުގައި، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.
އަދި ކޮރަޕްޝަން ހުއްޓުވުމާއި، ޝަރުއީ ދާއިރާ ހަރުދަނާކުރުމާއި އަދި އިންސާނީ ވަސީލަތް ހަރުދަނާކުރުމަކީ އޮސްޓްރޭލިއާއާ ގުޅިގެން ހައްލުކުރަން ބޭނުންވާ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދިވެހިރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުވަމުންދާތަން ފެންނާތީ އެކަމަށްޓަކައި އޮސްޓްރޭލިއާގެ ސަފީރު ސަރުކާރަށް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އޮސްްޓްރޭލިއާގެ ސަފީރު ރާއްޖެއަށް ކުރެއްވި ހިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން އޮސްޓްރޭލިޔާގެ ސަފީރު މިއަދު ވަނީ ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހަށް ވެސް ވަދާއީ ޒިޔާރަތެއް ކުރައްވާފައެވެ.
ނައިބު ރައީސާއެކު ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެގައުމުގެ ޝައުގުުވެރިކަން ހުރި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަގީންކުރައްވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސާއެކު ބޭއްވި މިބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ.