ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އާއި ޖާބިރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަށް ނިންމައިފިއެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރަށްފަހު، މިރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ރައީސުންގެ ވެސް މަސައްކަތަށް ހެއްދެވީ ސަރުކާރުގެ ނަމުގައި ޔޮޓް ޓުއާސްއަށް އެކި ގޮތްގޮތުން ގެއްލުންދީ، އެ ކުންފުނި ބަނގުރޫޓް ކުރުން ކަމަށާއި އެގޮތުން އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުން ކުރަމުން އައި ވިޔަފާރިތަކަށް ގަސްދުގައި ދީފައިވާ ގެއްލުންތައް މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި ދަންނަވާފައިވާ ކަމަށެވެ.
"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކާވެސް ހިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމާށާއި އެ ފިޔަވަޅުތަކުގެ ސަބަބުން މި ކުންފުންޏާއި މި ކުންފުންޏާ ގުޅިފައިވާ އެންމެހައި ކުންފުނިތަކަށް ލިބިފައިވާ އިޔާދަނުކުރެވޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ހުއްޓުމެއްނެތި ކުރަމުން މި އަންނަ އާދޭހުގެ އަޑު މި ސަރުކާރުން އައްސަވައި މި ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކަކީ ހަގީގަތުގައިވެސް އެ ދެ ސަރުކާރުން ޒާތީގޮތެއްގައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ކަމަށް ގަބޫލުކުރެއްވޭ ހިނދު، އަދި އެގޮތުން މި ކުންފުންޏަށް ނުދީ އެ ދެ ސަރުކާރުން ހިފަހައްޓަވާފައިވާ ހައްގުތައް އިންސާފުގެ މަގުން ލިބިދެއްވުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާނެ ކަމަށް މި ކުންފުނިން މިތިބީ ގާބޫލުކޮށްގެން،" ޖާބިރު ވިދާޅުވިއެވެ.
ސިޓީގައި ވަނީ މި ހުރިހާ ގެއްލުމެއްގެ ހިސާބު އިންޑިޕެންޑަންޓް އިންޓަނޭޝަނަލް އޯޑިޓް ފާމް އިން ހެދުމުން މި އެންމެހައި ގެއްލުންތަކުގެ ރިޕޯޓުން 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެ ކުންފުންޏާއި އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެހެނިހެން ކުންފުނިތަކަށް ވެފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ވީމާ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތައް މި ސަރުކާރުގެ މައްޗަށް ކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާތީ، އެ ދައުވާތައް ކޯޓަށް ހުށަހެޅުމުގެ ކުރިން އެ ވާހަކަ ސަރުކާރާއި ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނައުމުގެ ހެޔޮނިޔަތުގައި މި ސިޓީ އަރިސްކުރާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މި ސަރުކާރާ ދެކޮޅަށް ޖާބިރު ދައުވާ ކުރަން ނިިންމާފައިވާ އިރު، ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެލައިޑުން ހައިކޯޓުގައި އެދުމުން، އެކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރެއް ނެރެދީފައެވެ.