ޕާޓީ އިން ރާއްޖޭގެ ވެރިކަމާ ހަވާލުވެގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއެއް ނުގެނެވޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ރަޖިސްޓާ ކުރުމަށް އެ ޕާޓީއަށް ސޮއިކޮށްފައިވާ 4،000 މެމްބަރެއްގެ ފޯމާއެކު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.
އިލެކްޝަނަށް ފޯމު ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެޖިސްޓާ ކުރުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީއެންސީ ވެގެންދާނީ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޕާޓީއަށް ކަމަށެވެ.
"ކުރިއަށް އޮތްތާނުގައި އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ސަރުކާރާ ހަވާލުވުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ދާނެ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕާޓީއަކީ ދިވެހިން ބޭނުންވާ ކަހަލަ ދިވެހި ރާއްޖެއެއް ބިނާކޮށްދިނުމުގެ ގާބިލުކަން ހުރި ލީޑާޝިޕެއް އޮތް ޕާޓީއެއް ކަމަށެވެ.
އެ ޕާޓީން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަަންފާއަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.