ޚަބަރު

ތަޢުލީމާއި ވިޔަފާރި އަދި ކުޅިވަރުގެ ދާއިރާ އިން ޕާކިސްތާނާއެކު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އިބްރާހިމް ޒަކީ

ތަޢުލީމީ ދާއިރާ އާއި، ވިޔަފާރީގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އިން ޕާކިސްތާނާއެކު ގުޅުން ބަދަހި ކުރުމާބެހޭގޮތުން ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

މި މަށްވަރާތަށް ކުރިއަށް ގެންދިޔައީ، ޕާކިސްތާނުގެ ސަފީރު ނައިބު ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލު ކުރެއްްވުމުގައި، ދެޤައުމުން ވެސް ޝައުޤުވެރިވާ އިތުރު އެހެން ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް މީގެ ކުރީގައި ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރާއްޖޭގެ ނައިބު ރައީސްކަމާއި ހަވާލުވެވަޑައިގަތުމާގުޅިގެން ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތާގައިވެސް ޕާކިސްތާނުން ރާއްޖެއާ އެކީ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރުވަނީ ރާއްޖެއާއެކު ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަފީރުވަނީ މެޑިކަލް ކޭމްޕެއް ރައްޖޭގައި ހިންގުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

ހަމަ މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ކުރީ އަހަރު ބޭއްވުނު މެޑިކަލް ކޭމްޕަށް ރާއްޖޭގެ ފަރާތުން ދެއްވާފައިވާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.