ޚަބަރު

ރުއް ކެނޑި މައްސަލައިގަ ޅައިމަގު ކައުންސިލް ދޮޅުލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

އަހުމަދު ޖައިޝަން

1

ށ. އަތޮޅު ޅައިމަގުން ގިނަ އަދަދަކަށް ރުއްގަސް ކެނޑި މައްސަލައާ ގުޅިގެން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެރަށު ކައުންސިލް 191،250 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ށ. ޅައިމަގުން ގިނަ އަދަދަކަށް ރުއްތަކެއް ކަނޑައިގެން ބޭރުކުރަމުން ގެންދިޔަ ކަމުގެ މައްސަލައެއް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައި ފެންމަތި ވެފައެވެ. އެގޮތުން އެރަށުން ގާތްގަނޑަކަށް 500 އެއްހާ ރުއް ކެނޑުމާ ގުޅިގެން ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފައި ވެއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޅައިމަގު ކައުންސިލް މިއަދު ޖޫރިމަނާކޮށްފައި ވަނީ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވާއިދުގެ ޖަދުވަލު ފަހެއްގެ ދަށުން ކަމަށެވެ.

އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

އީޕީއޭއިން ބުނީ ޖޫރިމަނާ ކަނޑައެޅުމުގައި އެ އެޖެންސީން މިދިޔަ ނޮވެމްބަރު މަހު ޅައިމަގަށް ޒިޔާރާތްކޮށް ސާވޭ އެއް ހިންގި ކަމަށެވެ. އަދި ކައުންސިލުން ވަނީ ޔުހާސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އީޕީއޭގެ ހުއްދައާ ނުލައި ރަށުގެ އެކި ދިމާލުން ރުއްގަސް ކެނޑުމާއި، އުފުރުމާއި ކޮނެގެން ނަގައިގެން ރަށުން ބޭރުކޮށްފައިވާކަމަށާއި، އެކަން އެ ޖެންސީން ކަށަވަރުކޮށްފައި ވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟