ޚަބަރު

ސިރު އާޓްސްގެ ސިރުހާން ފުލުހަށް ހާޒިރުކޮށްފި

އަހުމަދު ޖައިޝަން

ފޭސްބުކް ގައި ދީނީ ކަންކަމާ ގުޅޭގޮތުން ހިޔާލުފާޅުކުރާ ޕޭޖެއް ކަމަށްވާ "ސިރު އާޓްސް" ހިންގާ މުހައްމަދު ސިރުހާން ފުލުހަށް ހާޒިރުކޮށްފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސިރުހާން ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ގިނަ ކަންތައްތަކާ ގުޅޭގޮތުން "ސިރު އާޓްސް" ޕޭޖުގައި ހިޔާލު ފާޅުކުރެއެވެ.

ސިރުހާން ހައްޔަރުކޮށްފައިވާއިރު، ފޭސްބުކް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުންނަށް އިންޒާރުދޭ މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށް ބުނެފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ.

ފުލުހުން ބުނީ ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ނަފްރަތު އުފައްދާގޮތަށް ވާހަކަ ދެއްކުމާއި އިންޒާރުދިނުން ފަދަ ކަންކަން ގިނަވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފުލުހުން މިކަންކަން ތަހުގީގު ކުރާ ކަމަށާއި، ތަހުގީގުތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން އިތުރަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.