ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީ

އާއްމު ކޮމިޓީ ހިނގާ ގޮތް ކަމުނުގޮސްގެން މުގައްރިރު ވަކިކުރަން ހުށަހަޅައި ފާހެއް ނުވި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކަމު ނުގޮސްގެން، އެ ކޮމިޓީގެ މުގައްރިރުކަމުގެ މަގާމުން، ކުޑަކުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަކިކުރަން ހުށަހަޅައިގެން އޭނާ އެ މަގާމުން ވަކިކުރަން ފާހެއް ނުވިއެވެ.

އާމިރު ކޮމިޓީގެ މަސައްކަތް ގެންދަވާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން، އޭނާ މަގާމުން ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން އެކޮމިޓީގެ މެންބަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވީ، ކޮމިޓީ މުގައްރިރުގެ މަސައްކަތް އެންމެ ފުރިހަމަ ނޫން ކަމަށެވެ.

އެގޮތުން ކޮމިޓީން ނިންމަން ޖެހޭ ކަންކަން ނިންމަން ޖެހޭ މުއްދަތަށް ނުނިމި ލަސްވުމުގެ ސަބުބުން ރައްޔިތުންނަށް ގެންލުންތަކެއް ވެފައިވާކަން ގަބޫލު ކުރައްވާ ކަމަށާއި، ކޮމެޓީ އިސް ނަގައިގެން ކުރަން ޖެހޭ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށެވެ.

އެ މެންބަރުންގެ ތހުމަތުތަކާ ގުޅިގެން ވާހަކަ ދައްކަވަމުން މުގައްރިރު އާމިރު ވިދާޅުވީ، މަޖިލިސް ކޮމިޓީތަކުގެ ތެރެއިން ނުނިމި ޕެންޑިންގައި އެންމެ މަދުން މައްސަލަަތައް ހިމެނޭ ކޮމިޓީއަކީ ގަވާއިދު ކޮމިޓީ ކަމަށާއި އެ ކޮމިޓީގައި މަސައްކަތެއް ފުނި ޖެހިފައި ނޯންނާނެކަން މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ކޮމިޓީއަށް މައްސަލަތައް ހުށަހެޅޭނެ ކަމަށާއި، އެގޮތަށް ހުށަހެޅި އެއްވެސް މައްސަލައަކާ ގުޅިގެން މިހާތަނަށް ކޮމެޓީ ނުބާއްވަވައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މެންބަރުންގެ ތުހުމަތުތަކަށް މުޅިން އެއްބަސްވެވެން ނެތްކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު މުގައްރިރުކަމުން ވަކިކުރުމަށް ނެގި ވޯޓުގައި، ހަތް މެންބަރުން ބައިވެރިވެވަޑައިގެން ކޮމިޓީގެ ބައްދަލުވުމުގައި، އެގޮތަށް ފެންނަ ކަމަށް ވޯޓު ދެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އާމިރު މުގައްރިރުކަމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން އެވެ.

އެހެންވެ ވޯޓު އެއްވަރު ވުމުން، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި، އެ ކޮމިޓީގެ ނައިބު މުގައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ، އާމިރަށް އަދި އިތުރު ފުރުސަތެއް ދޭން ފެންނަ ކަމަށާއި، އެހެންކަމުން އެފުރުސަތު ދިނުމުގެ ގޮތުން، އާމިރު މުގައްރިރުކަމުން ވަކިކުރަން ނުފެންނަ ކަމަށް ނަސީރު ވޯޓު ދެއްވިއެވެ.

އާމިރަކީ އެމްޑީއޭގެ މެންބަރެކެވެ. އަދި އޭނާއަކީ އެމްޑީއޭގެ ނައިބު ލީޑަރެއްވެސް މެއެވެ. އޭނާ އަކީ ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި އެމްޑީޕީ މެންބަރެއް ނޫން ގޮތަށް ހުންނެވި ހަމައެކަނި މެންބަރެވެ.

މުގައްރިރު އާމިރުގެ އިތުރުން ދެން އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ނައިބު މުގައްރިރު މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނަސީރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.