ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި އެ ޕާޓީއާ ގުޅުނު 4،000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީއަށް ވަނުމަށް ވަރަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް 4،000 ފޯމު ހުށަހެޅީ އަވަހަށް ރެޖިސްޓްރީ ކުރުމަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕާޓީއަށް ސޮއިކުރި މީހުންގެ އަދަދު އުޅެނީ 6،000 އަށްވުރެ މާ ކުރީގައި. އަޅުގަނޑުމެންގެ އޮފީހުން މިއަދު މި ގެނައި 4،000 މެމްބަރުންގެ އިތުރުން މިހާރުވެސް 6،000 އަށްވުރެ ގިނަ ފޯމު އެބަހުރި،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވަގުތު ރައީސް ޔާމީން ހުންނެވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ޔާމީން ޕީއެންސީއާ ގުޅިވަޑައިގަތްނަމަވެސް އަދި ގުޅިވަޑައިނުގަތްނަމަވެސް އެ ޕާޓީ މަސައްކަތްކުރަމުން ގެންދާނީ ރައީސް ޔާމީންގެ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ވެގެންދާނީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޕާޓީއަށް ކަމަށެވެ.