ޚަބަރު

އާސާރު ތަކާ، ތާރީޚާބެހޭ މައުލޫމާތު އާއްމު ކުރަން ޓެކްނޮލޮޖީ މިނިސްޓްރީއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އިބްރާހިމް ޒަކީ

ރަށްރަށުގައި ހުރި އާސާރުތަކާއި، ތާރީޚާބެހޭ މައުލޫމާތު އާއްމު ކުރުމަށް މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާ ގުޅިިގެން މަަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެކަން ކުރުމަށް ހަމަޖެހިފައިވަނީ، ރަށްރަށުގެ ރަށު ކައުންސިލްތަކުން ހިންގާ ވެބްސައިޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް ވިދާޅުވީ ރަށްރަށުގެ އާސާރުތަކާއި، ތާރީޚާބެހޭ މައުލޫމާތު އާއްމު ކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރަމުންގެންދާ މަސައްްކަތުގައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެހީތެރިވާނީ ވެބް ޑިޒައިން ކުރުންފަދަ ކަންތައްތަކުގައި ކަމަށެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ ރަށްރަށުގައި ހުރި ތަރިކައިގެ މައުލޫމާތު ދިނުމަށް ސެންޓަރުތަކެއް ހެދުމުގެ މަސައްކަތާއި، ކޮންމެ ރަށަކަށް ހާއްސަ ވެބްސައިޓެއް ހެދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންގެންދާކަމަށް ބައެއް މީޑިޔާތަކުން އާއްމު ކޮށްފައިވާ މައުލުމާތަކީ ނުރަނގަޅު މައުލޫމާތެއް ކަމަށެވެ.