ޚަބަރު

ނޮވެލްޓީ ޢަލީ ހުސެއިން، އެތަކެއް ދާއިރާއަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި: ރައީސް

އިބްރާހިމް ޒަކީ

ނޮވެލްޓީ، ޢަލީ ހުސެއިން އަކީ އެތަކެއް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޢަލީ ހުސެއިން މިއަދު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވެފައިވަނީ، "މ.ވާރޭވިލާ ޢަލީ ޙުސެއިން ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމުގެ ހިތާމައިގާ، އާއިލާއަށް ތައުޒިޔާ ދަންނަވަން، ކަމަށާއި، މަރުހޫމަށް ރަހްމަތް ލެެއްވުމަށް އެދި ﷲ ޞުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވަން،" ކަމަށެވެ.

ދިވެހި ރާއްޖޭގެ ޗާޕުކުރުމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނޮވެލްޓީ އަލީ ހުސައިން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ދައުލަތަށް ގިނަ ޚިދުމަތްތަކެއްވެސް ކޮށްދެއްވާފައިވާ އަލީ ހުސައިން، ޗާޕުކުރުމުގެ ދާއިރާއަށް ވެންނެވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ.

ދިވެހި ރާއްޖޭގެ ތާރީޚަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލީ ހުސައިން ވަނީ އޭނާގެ އަމިއްލަފުޅު ޚަރަދުގައި ތާރީޚީ ގިނަ ފޮތްތަކެއް ޗާޕުކުރައްވައިފައެވެ.

އޭނާ ސަރުކާރުގައި މަސައްކަތްކުރައްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ އޮފީހުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވައިފަ އެވެ.