އަލީ ޔާމިން
އިސްލާމްދީނާއި ދިވެހި ގައުމަށް ނިކަމެތިކަން ލިބޭ ފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުރައްވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތައް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފާއި ޝައިހް އިލްޔާސް ހުސައިން ދިފާއުކުރައްވައިފިއެވެ.
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަންކަން މި ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވައި، ޑރ. އިޔާޒް ވިދާޅުވީ ދިވެހިރާއްޖެއަށް ނިކަމެތިކަން ލިބޭ ފަދަ އެއްވެސް ކަމެއް ރައީސް ސޯލިހު ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އިލްޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގުލާލު ނަގައިލަން މަސައްކަތްކޮށްފާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ސަރުކާރުގެ ވެރިކަން ފެށުނު ފަހުން، އަވަށްޓެރި އިންޑިއާއާއެކު އަންނަނީ ވަރަަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެކި ބޭނުންތަކުގައި އިންޑިއާގެ ސިފައިންވެސް އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެނީ އެ ގައުމުގެ ސިފައިން އޮޕަރޭޓްކުރާ ގޮތަށް ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމުކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ.
އިދިކޮޅުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުގާލަށް އޮތް ނުރައްކަލެކެވެ.