އިބްރާހިމް ޒަކީ
ދިފާއީ ދާއިރާއިން އެމެރިކާ އިން ރާއްޖެއަށް ވެދެވިދާނެ އިތުރު އެހީތަކާބެހޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ، އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ރަންޑަލް ޝްރައިވަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
އެމެރިކާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެލައިނާ ބީ. ޓެޕްލިޒް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޝާޙިދުގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް އާއި، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.