ޚަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވަނީ ބްރޯޑްކޮމްގެ މެމްބަރު ކަމުގެ މަގާމުން ޒީނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ތައްޔާރު ވެފއިވަނިކޮށެވެ.

ޒީނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ މަގާމުން ވަކިކުރަން މަޖިލިސް ތަޅުމަށް ފޮނުވީ، ކޮމިޝަންގެ ނިންމުންތައް ނިންމުމުގައި ތަފާތު ކުރުންތައް ގެންގުޅުމާއި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވަމުން ނުގެންދެވުމުގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމާފައިވާ މައްސަލައިގައެވެ.