މާލޭގެ މާރުކޭޓުގެ ގޮޅިތައް ދިނުމަށް ފެންނަނީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ތިމާ އަމިއްލައަށް، އެކަމަށް ހުރެގެން، އަމިއްލަ ގޮތުން އެ މަސައްކަތް ކުރާނެ ބަޔަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި، އާންމުންގެ ފަރާތްތަކަށް މާރުކޭޓު ގޮޅިތައް ދިނުން ރަނގަޅު ކަމަށް ފާހަގަކުރައްވާފައިވަނީ ،އެތަންތަން ސިޔާސީ ފަރާތްތަކުގެ ކިބައިން ސަލާމަތްކުރުމަށް ވިޔަފާރިވެރީން އެދުމާ ގުޅިގެންނެވެ.
ވިޔަފާރިވެރީން ބުނެފައިވަނީ އެތަންތަން ދީފައި ހުރީ ސިޔާސީ ފަރާތްތަކަށް ކަމަށެވެ.
އެތަންތަން ތަރައްގީކުރުމަށް ފަހު ގޮޅިއެއް ވިއްކީ 2،000 ރުފިޔާގެ އުސޫލުންނެވެ. ނަމަވެސް ވިޔަފާރިވެރީންނަށް އެ ގޮޅިތައް ގަންނަން ޖެހެނީ ސިޔާސީ ފަރާތްތަކުގެ އަތުން ގިނަ ފައިސާތަކެއް ދައްކައިގެން ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
މާރުކޭޓުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި އެ ގޮޅިތައް ގިނައިން ނަގަނީ ބިދޭސީންނެވެ.
މާރުކޭޓުގެ ގޮޅިތަކާ ގުޅޭގޮތުން ސާވޭއެއް ނިންމައި، އެގޮޅިތަކަށް އަލު ކުރިމަތިލާން ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.