މާލޭ ސަރަހައްދުގެ ޓެކްސީ ހިދުމަތުގެ އަގުތައް ކަނޑައެޅުމަށް ރޭ ބޭއްވި ފޯރަމުގައި ޓެކްސީ ޑްރައިވަރުންނާއި ބައެއް އާންމުން ހިޔާލު ފާޅުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ބޭއްވި އެ ފޯރުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އާއި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އަދި ބައެއް އާންމުން ބައިވެރިވިއެވެ.
އެ ފޯރަމުގައި ވާހަކަދެއްކި ޑްރައިވަރެއް، ހިޔާލުފާޅުކުރަމުން ބުނީ އަގުތައް ކަނޑައެޅުމަށް ވާހަކަ ދައްކާއިރު ޕެޓްރޯލުގެ އަގު އެކަނި ފާހަކޮށްފައި އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި ކުރީގެ އަގުތަކާއި މިހާރު ދިރިއުޅުމަށް ކުރާ ހަރަދުތައް ވަރަށް ބޮޑު ކަމަށެވެ.
"ކުރިން ކާރުގައި ދަވާދުލެވޭ 15000 ރުފިޔާއަށް. މިހާރު އެ އަގު އުޅެނީ 30000 އާއި 50000 ރުފިޔާއާ ދެމެދު. ގޭގެ ކުލިތައް ވެސް މިހާރު އެތައް ގުނައެއް ބޮޑު. ޔޫރަޕުގެ ވިސްނުން ނުގެންގުޅުއްވާ. ކާބޯތަކެތީގެ އަގުތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގުތައް ވެސް މިހާރު އުޅެނީ ވަރަށް މަތީގައި. މިކަންކަމަށް ރިޔާއަތްކުރުމަށް ފަހު އަގުތަކަށް ބަދަލު ގެނައުމަށް އެދެން،" އޭނާ ބުންޏެވެ.
އިތުރު ޓެކްސީ ޑްރައިވަރެއް ބުނި ގޮތުގައި މާލެއިން ހުޅުމާލެއަށް ގޮސްފައި، މަޑުނުކޮށް ހުޅުމާލެއިން މާލެއަށް 40 މިނެޓު ހޭދަނުކޮށް ނާދެވޭ ކަމަށާއި ސަރުކާރުން މިހާރު ވެސް ގަޑި ދަތުރަށް ކަނޑައަޅާފައި އޮންނަނީ ގަޑިއަކަށް 110 ރުފިޔާ ކަމަށެވެ. އެހެންވީމާ 100 ރުފިޔާއަކީ ބޮޑު އަދަދެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
"ހުޅުމާލެ ތެރޭގައި ދަތުރެއް ލިބޭތޯ އުޅެފައި އައިސްފިއްޔާ އެއް ގަޑިއިރާއި ވިހި މިނެޓް ނުވަތަ އެއް ގަޑިއިރާއި 30 މިނެޓުން ދަތުރެއް ނިންމާފައި އާދެވެނީ. އެހެންވީމާ 100 ރުފިޔާއަކީ ބޮޑު އަދަދެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ބުންޏެވެ.
މާލެއަށް، ހުޅުމާލެއަށް ގޮސްފައި ހުޅުމާލެއިން ހުސްކޮށް މާލެ އަންނަން ޖެހޭ ފަހަރު ވެސް މަދު ނޫންކަން ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކުރިއެވެ.
އާންމުންގެ މީހަކު ވާހަކަދައްކަމުން ބުނީ މި ސަރަހައްދަށް ބަލާއިރު މާލޭގައި ދަތުރަކަށް 25 ރުފިޔާ ވެސް ބޮޑު ކަމަށާއި 25 ރުފިޔާގެ އެ އަގަކީ ކުޑަކުރަން ޖެހޭ އަގެއް ކަމަށެވެ. އަދި އެއްޗެއްގެ ނުވަތަ ހިދުމަތަކަށް އަގު ނަގާއިރު ފެންވަރަށް ވެސް ބަލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ލަންކާ، އިންޑިއާ، ތައިލެންޑް، މިސަރަހައްދުން ސްޓްޑީކޮށްލީމަ އެނގެނީ މާލޭގައި މިނެގެނީ ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑު އަގެއްކަން. 25 ރުފިޔާގެ އެ އަގަކީ ކުޑަކުރަން ޖެހޭ އަގެއް. އެއްޗެއްގެ އަގު ކިޔާއިރު އެއްޗެއްގެ ކޮލިޓީއާއި ދެވޭ ހިދުމަތުގެ ފެންވަރު އެއީ ވެސް ބަލަން ޖެހޭނެ އެއްޗެއް. އަޅުގަނޑުމެން އަރާ ބައެއް ކާރުތަކުގައި ދުވާ ނުބައި ވަސް. އަޅުގަނޑުމެން އަރާ ބައެއް ކާރުތަކުގައި އަޅުގަނޑުމެން ހިތް ނޭދޭ، އަޑުއަހަން ބޭނުންނުވާ އެއްޗެހި ޖެހުމާއި ޕްރޮގްރާމުތަކުގެ އަޑު އިއްވުން. ހުއްޓަން ބުނީމާ އެކަމުގެ ޒުވާބު ހިންގަން ޖެހުން. ބައެއް ފަހަރު އެއީ ބޮޑު ދީނީ މައްސަލައަކަށް ވެސް އެބަ ހަދާ. ކާރުގެ ހާލަތަށް ވެސް ބަލަން އެބަޖެހޭ،" އޭނާ ބުންޏެވެ.
އޭގެ އިތުރުން މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް 100 ރުފިޔާއަކީ ވަރަށް ބޮޑު އަގެއް ކަމަށާއި ދަތުރެއްގެ އަގު 75 ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އާންމުންގެ މީހަކު ބުންޏެވެ.