ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކު ދިރިއުޅެމުންދާ ހ. ދޮންއަންނާރުގެ ފާސްކުރުމަށް އެގެއަށް ފުލުހުން ވަދެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ވިދާޅުވީ ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ފާސްކުރަމުންދާ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.
ލަޔާލް ދިރިއުޅެމުންދާ ދޮންއަންނާރުގެ ފާސްކުރުމަށް ފުލުހުން ގޮސްފައިވާކަން އޭނާ ވެސް ވަނީ ވަން އޮންލައިނަށް ކަށަވަރުކޮށްދީފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ހޮވި 2017 ވަނަ އަހަރުގެ އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓުގެ މަގާމަށް ހޮވުނު ޗެނަލް 13ގެ ލަޔާލްއަކީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީނަށް ތާއީދުކުރާ ނޫސްވެރިއެކެވެ. ލަޔާލަށް ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ވެސް ލިބިފައެވެ.