މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓުގައި ހުރި ފައިސާ، އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރީ، އެއީ ތުހުމަތެއް އުޅޭ ފައިސާއެއް ކަމަށް ވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސްކްރޯ އެގްރީމެންޓުގައި ބަޔާންކޮށްފައި އޮތަސް އެ ފައިސާގައި ތުހުމަތު އުޅުނު ހިސާބުން އެ އެކައުންޓުން ފައިސާ ނަގާ އެހެން އެކައުންޓަކަށް ލާކަށް ފަސޭހައެއް ނުވި ކަމަށެވެ.
"އެ ފައިސާގައި ތުހުމަތު އުޅޭކަން އެނގޭ ހިސާބުން، އެއީ ފަހަރުގައި ވެދާނެއޭ ދައުލަތުން ގެއްލޭ ފައިސާ ކަމަށް. އެހެންވީމާ އެ ފައިސާގައި ތުހުމަތު އުޅޭ ހިސާބުން އަޅުގަނޑަށް ފަސޭހައެއް ނުވި އެގްރީމެންޓުގައި ބަޔާންކޮށްފައި އޮތަސް އެ އެކައުންޓުން ފައިސާ ނަގާ އެހެން އެކައުންޓަކަށް ލާކަށް. އަޅުގަނޑު އޭގައި ބެހެއްޓީ މުޅިން ވެސް މައްސަލަ ނުޖެހޭ ފައިސާ. އެއަކު ނޫޅޭނެ އެއްވެސް މައްސަލައެއް. އެއީ އެސްއޯއެފްގެ ފައިސާއެއް ވެސް ނޫން، އަދި އެހެން ބައެއްގެ ފައިސާއެއް ވެސް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭސީސީއާ ހަވާލުކުރީ އެމްއައިބީގައި ހުރި ފައިސާ ނޫން ކަމަށް ރައީސް ޔާމީން މިއަދު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.