ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވާހަކަދެއްކެވީ ކޮން މަންފާއެއް ލިބިގެންތޯ ސުވާލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން ދާދި ފަހުން މުއާޒް ވަނީ ވާހަކަދައްކަވައި، އެ ހާދިސާއާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދައްކަވައިފައެވެ. ފުލުސް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މުއާޒް އެ ވާހަކަތައް ދައްކަވަންވީ މިހާރުތޯ ސުވާލު އުފައްދަވައިފައެވެ.
"އޭނާ މިއޮތް ހާ ދުވަހު އެ ވާހަކަ ނުދައްކާ ހުރީ ކީއްވެގެންތޯ. އެހެންވީމާ އޭގައި ކޮން ކަހަލަ މަންފާތަކެއްތޯ އޭނާއަށް ލިބިގެން އަންނަނީ. ނޫނީ ކޮން ކަހަލަ ކަމެއް ވެގެންތޯ އެ ސުވާލު ދެއްތޯ ތިބޭފުޅުން އުފައްދަން ޖެހޭނީ. ތަހުގީގުތައް ނިމި، ކޯޓުތަކުގެ މަރުހަލާތައް ނިމި، މީހުންނަށް އަދަބު ލިބި، މިކަހަލަ އެތައް ކަމެއް ވެއްޖެ ދެއްތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
އިތުބާރު އޮންނާނީ ދައުލަތުގެ މުއައްސަސާތަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށްތޯ ނުވަތަ އަމިއްލަ ފަރުދަކު ދައްކާ ވާހަކައަކަށްތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.
"ތިބޭފުޅުންނަށް ގަބޫލުކުރެވޭތޯ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި އަދި އަޅުގަނޑުގެ އާއިލާގެ މީހުން އަރާ ތިބި ލޯންޗެއް ގޮއްވާލަން އަޅުގަނޑު އަމިއްލައަށް މަސައްކަތްތަކެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭތޯ ދިވެހި ރައްޔިތުންނަށް؟ އަޅުގަނޑު އެވަރު ކަމެއް ލޯންޗުގައި އިނދެގެން އަޅުގަނޑުގެ އަނބިދަރީންނާއެކީ ލޯންޗު ގޮއްވާލަން އަޅުގަނޑުތޯ މަސައްކަތްކުރާނީ؟ ދެން އޮތީ މުއާޒް އަލީ ދައްކާ ވާހަކަ. އެންމެ ފަރުދަކު ދައްކާ ވާހަކައަކަށްތޯ އިތުބާރު އޮންނާނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އުފައްދާފައި އޮތް ރިޔާސީ ކޮމިޝަން، އޭގެ ތެރޭގައި ފުލުހުންނާއި ސިފައިން ހިމެނިގެން ތަހުގީގުކޮށް ނިންމާފައި އޮތް މައްސަލައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.