ރައީސް ޔާމީން

ސާބިތު ނުކުރެވޭހާ ހިނދަކު އެމްއައިބީގައި ހުރި ފައިސާއަކީ އަޅުގަނޑުގެ އަމިއްލަ ފައިސާ: ރައީސް ޔާމީން

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓުގައި ހުރި ފައިސާއަކީ އެމަނިކުފާނުގެ ފައިސާއެއް ނޫންކަން ސާބިތު ނުކުރެވޭހާ ހިނދަކު އެ ފައިސާއަކީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސްއޯއެފްގެ ފައިސާއަކީ ދައުލަތުގެ ފައިސާއަށް ވެސް ވެދާނެ ކަމަށާއި ނަމަވެސް އަދި އެގޮތަށް ނިންމީވެސް ނޫން ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުނިންމާހާ ހިނދަކު އެ ފައިސާއަކީ އެމަނިކުފާނުގެ ފައިސާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންނަމަވެސް އޭސީސީން އެހާ ވަރަށް އިންސިސްޓް ކުރާތީ އޭސީސީއާއި އަޅުގަނޑާ، ދެބައި މީހުންގެ ބެލުމުގެ ދަށުގައި އޮންނަ އެސްކްރޯ އެކައުންޓެއްގައި އެހުރީ އެ ފައިސާ ބަހައްޓާފައި. ދެން އެ ފައިސާ ބަހައްޓާފައި ހުއްޓައި، އެއީކީ ތިމަންނަ ގުނި ފައިސާއެއް ނޫނޭ. މިހުންނަކީ ވަކިވަކިން ޖާޑިޖާޑިއަށް އަޅާފައެއް ނޫން އެސްއޯއެފްއިން ލިބޭ ފައިސާ، އަނެއް ތަނުން ލިބޭ ފައިސާ. އެއް މިލިއަން ޑޮލަރަކީ އެއް މިލިއަން ޑޮލަރު. އެ ފައިސާ އެހުރީ ބަހައްޓާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މޮޔައަކު ނޫނިއްޔާ ބޭންކެއްގެ އެކައުންޓެއްގައި ފައިދާ ނުވާ ގޮތަކަށް ފައިސާ ނުބަހައްޓާނެ ކަމަށާއި އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން އެސްއޯއެފްގެ ފައިސާ ކަމަށް ބުނަމުންމިދަނީ އެންމެ އެއް މިލިއަން ޑޮލަރު ކަމަށެވެ.

"މޮޔައަކު ނޫނިއްޔާ ބޭންކެއްގެ އެކައުންޓަކު ފައިދާ ނުވާ ގޮތަކަށް ފައިސާއެއް ނުބަހައްޓާނެ. މި ދައްކަނީ ގާތްގަނޑަކަށް 3.4 މިލިއަންގެ ވާހަކަ. އޭގެ ތެރެއިން އެންމެ އެއް މިލިއަން އެސްއޯއެފްގެ ފައިސާއަކީ. އަނެއް ފައިސާއަކީ އަޅުގަނޑުގެ ފައިސާ. އެހެންވީމާ އެ ނުބަހައްޓާނެ އަޅުގަނޑަށް ފައިދާއެއް ނުލިބޭ ގޮތަކަށް. އެ ފައިސާ ލިބޭ ގޮތަށް ބެހެއްޓި ސަބަބަކީ ވެސް އަދި މިހާތަނަށް ޝަރުއީ ކޯޓަކުން ވެސް އަދި އޭސީސީއަކުން ނިންމާފައެއް ނެތް އެއީކީ އަޅުގަނޑުގެ ފައިސާއެއް ނޫން ކަމަކަށް. ތުހުމަތެއް މިކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟