މިނިސްޓަރު އަހުމަދު މަޙުލޫފް

އިންޑިއާގެ އެހީގައި އިތުރު އެގާރަ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރަނީ

އަލީ ޔާމިން

އިންޑިއާގެ ހިލޭ އެހީގެ ދަށުން އިތުރު 11 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ މާލީ އެހީތެރިކަމުގައި ކުޑަކުދިންގެ ޕާކުތައް އިތުރު ފަސް އަތޮޅެއްގެ ރަށްތަކުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ އެހީގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރާ 11 ރަށް

ކ. މާފުށި އއ. ފެރިދޫ އދ. މަހިބަނދޫ އދ. ހަންޏާމީދޫ އދ. ދިއްދޫ އދ. މަނަދޫ ވ. ފުލިދޫ ވ. ކެޔޮދޫ މ. މުލި މ. މުލައް މ. ކޮޅުފުށި

މީގެ ކުރިންވެސް މިނިސްޓަރު މަހުލޫފު ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިހަ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއިރު ވިދާޅުވީ، ހދ.ނާވައިދޫ، ށ.ޅައިމަގު، ށ.ފީވަށް، ށ.ކޮމަންޑޫ، ށ.ނޫމަރާ، ށ.ބިލެއްފަހި، ށ.ފޭދޫ، ނ.މާފަރު ނ.ފޮއްދޫގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރައްވާނެ ކަމަށެވެ.

މި ރަށްރަށުގައި ކުޑަކުދިންގެ ތަރައްގީކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ޕާކުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް މިނިސްޓަރު މަހުލޫފު ވިދާޅެއް ނުވެއެވެ.