މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓަށް ފައިސާ ޖަމާވި ވާހަކަ ދެންނެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށާއި އޭރު އެސްއޯއެފްއަކީ ކޮން ކުންފުންޏެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސްއޯއެފް އިން އެމަނިކުފާނަށް އެއްވެސް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި އެ ފައިސާއަކީ އެސްއޯއެފް އިން ލިބުނު ފައިސާއެއް އެނގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
"އަދީބު އަޅުގަނޑު ކައިރީ ވިދާޅުވި ކޮންމެވެސް އެކައުންޓަކަށް އެއް މިލިއަން ޖަމާކޮށްފީމޭ. ދެން އޭސީސީން ދުވަސްކޮޅެއް ފަހުން ގުޅާފައި މި ބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާވެފައި އެބަހުއްޓޭ. ދެން އޭރު އެސްއޯއެފް އަކީ ކޮން ކުންފުންޏެއް ކަމެއް އަޅުގަނޑަކަށް ނުވެސް އެނގޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ޗެކަކީ އެމަނިކުފާނަށް ލިބިގެން އެމަނިކުފާނު ޖަމާކުރި ޗެކެއް ނޫން ކަމަށެވެ. އަދި އަދީބުގެ އަތްޕުޅުގައި ހުރި ރައީސް ޔާމީންގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ޗެކަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކި ފަރާތްތަކުން އަޅުގަނޑުގެ ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖުކޮށްދެއްވަނީ އަދީބު. އެހެންވީމާ އަދީބުގެ އަތްޕުޅުގައި ހުރީ އަޅުގަނޑުގެ ކެމްޕޭނަށް ލިބިފައި ހުރި ފައިސާ. އެހެންވީމާ އެ ފައިސާގެ ތެރެއިން އަޅުގަނޑު ފައިސާ ބޭނުންވެގެން ދެންނެވިން. ހާއްސަކޮށް ފިނިފެންމާ ލޯންޗުގެ އެކްސިޑެންޓާ ގުޅިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.