އަހްމަދު ނިހާން ހުސައިން މަނިކު

ރައީސް މައުމޫނަށް 2008ގައި ދޭން އުޅުނު ހަމަލާ ހިންގުވި މީހުންގެ މަތިން މައުމޫންގެ އާއިލާ ހަނދާން ނެތިއްޖެ: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް 2008 ވަނަ އަހަރު ދޭން އުޅުނު ހަމަލާ، ހިންގުވި މީހުންގެ މަތިން މައުމޫންގެ އާއިލާ ހަނދާން ނެތިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެހެން ވިދާޅުވެފައިވަނީ ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، 2008ގެ ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވަމުންނެވެ.

ރައީސް މައުމޫނަށް 2008ގައި ދޭން އުޅުނު ހަމަލާގެ ފޮޓޯއާއެކު ޔުމްނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެފަދަ ނުރައްކާތެރި ހަމަލާއަކުން އޭނާގެ ބައްޕަ ސަލާމަތްކޮށްދެއްވީތީ މާތް ﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރުކުރާ ކަމަށާއި އަދި ހިތްވަރުގަދަ ސްކައުޓް ޖައިޝަމް އިބްރާހީމްގެ މަތިން ހަނދާންކޮށް ޝުކުރުކުރާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ނުރައްކާތެރި ޖަރީމާ ހިންގުވި މީހުންގެ މަތިން ހަނދާންނައްތައި ނުލެއްވުން އެދޭ ކަމަށާއި އެއީ ކޮން ބަޔަކު ލާފައިވާ ވިހައެއްގެ ސަބަބުން ޒުވާނަކު ހިންގި ޖަރީމާއެއްކަން ރައީސް މައުމޫންގެ އާއިލާއަށް ހަނދާން ނެތިއްޖެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

ހއ. ހޯރަފުއްޓަށް ރައީސް މައުމޫން 2008 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ވަޅިއަކުން ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުގެ ހުރަހަކަށްވީ ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޖައިޝަމްގެ ސަބަބުންނެވެ.