ޚަބަރު

ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ހުޅުވާލައިފި

1

ދައުލަތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ތަހުގީގު ކުރެވިފައި ނުވާ މައްސަލަތަކާއި އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށްފައި ނުވާ މައްސަލަތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގާފައިވާ އެފަދަ މައްސަލަތަކުގެ މައުލޫމާތު ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.

އެފަދަ މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މައްސަލައާ ގުޅޭ އެންމެހާ ލިޔެކިޔުންތަކާއެކު، 24 ފެބްރުއަރީ 2019 ގެ 14:00 ގެ ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް މައުލޫމާތު ހުށަހެޅުއްވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެ ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ މައްސަލަތައް ފޮނުއްވުމަށް ހަމަޖެހިފައިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް އެޑްރެސްކޮށް، ޣާޒީ ބިލްޑިންގުގައި ހުންނަ އެ ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅަން ބޭނުންވާނަމަ، [email protected] އަށް ވެސް ފޮނުއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި ދައުލަތުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެމަނިކުފާނު މަގާމާ ހާވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު އެ މަސައްކަތްޕުޅު ފައްޓަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟