އިބްރާހިމް ޒަކީ
އެންވަޔަރަމަންޓް މިނިސްޓްރީން ރާއްޖޭގެ މީހުން އުޅޭ ކޮންމެ ގެއަކަށް ބޯފެން އަޅާ ކަޅު ހަން ބެހުމަށް ހިންގި މަޝްރޫއުގެ ދަށުން 2008 ވަނަ އަހަރު އެ މިނިސްޓްރީން ލ. ހިތަދުއަށް ފޮނުވި، ފެން ހަންތަކުން ހަން ނުލިބުނު 17 މީހަކަށް ކަޅު ހަން ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ލ. ހިތަދުއަށް 2008 ވަނަ އަހަރު އެ މިނިސްޓްރީން ފޮނުވި 2500 ލީޑަރުގެ ފެން އަޅާ ކަޅު ހަންތަކުން، ހިތަދޫ 17 ގެއަކަށް ލިބެންޖެހޭ ކަޅު ހަން އެ ގެތަކަށް ލިބިފައި ނުވާތީ، އެވަރުގެ ކަޅު ހަމެއް ނުވަތަ އެވަރުގެ ކަޅު ހަމެއް ގަންނަން ލިބޭ އަގާއި ކަޅު ހަން އުފުލުމުގެ އަގާއި، ކަޅު ހަން ބެހި ތާރީހު ކަމުގައިވާ 27 ސެޕްޓެމްބަރު 2008 އިން ފެށިގެން ސާފު ބޯފެން ގަތުމަށް، އެ ފަތާތްތަކުން ހަރަދުކުރި ފައިސާ ހޯދުމަށް އެދި ދައުލަތުގެ މައްޗަށް ދައުވާކުރަން އެފަރާތްތަކުން ވަނީ ހުށަހަޅައިފައެވެ.
އެ ފަރާތްތަކުން އެ މައްސަލަ ހުށަހެޅީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، އެ ފަރާތްތަކުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް، ހޯދުމަށް ހުށަހަޅާފައިވާ ކަޅު ހަން ނުވަތަ މިހާރު ބާޒާރުން އެވަރުގެ ހަމެއް ގަންނަން ލިބޭ އަގާއި، ކަޅު ހަން ހިތަދޫއާ ހަމައަށް އުފުލުމުގެ އަގަކީ އެ ފަރާތްތަކަށް ދޭންޖެހޭ އެއްޗެއްކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެއްމަސް ދުވަހުގެ ތެރޭގައި އެތަކެތި އެ ފަރާތްތަކަށް ދިނުމަށް 6 މާޗް 2019 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް އެ ހުކުމާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި އެ ނިންމުމަކީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ، އެ މައްސަލަތަކުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި ގަޒިއްޔާ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.