ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ރާއްޖޭގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް، އެއް ވިއުގައަކުން ގުޅާލެވޭނެ: ހެލްތު މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް ހުރިހާ އެމްބިއުލާންސެއް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުއްލި އެހީ ދިނުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ސަރުކާރުގެ ވިސްނުން ހުރީ ގައުމީ އެމްބިއުލާސްގެ ހިދުމަތެއް ތައާރަފުކޮށް އެ ހިދުމަތުގެ ތެރެއިން އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އަދި އެ ހިދުމަތުގައި އުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ތަމްރީނު ދެވި އަދި ކަނޑުމަގުން ދެވޭ ހިދުމަތާއި އެއްގަމާއި އަދި ވައިގެ ހިދުމަތް އެނިޒާމުގެ ތެރެއަށް އައުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ ގޮތެއްގައި މާލެ ސަރަހައްދާއި އާބާދީ ބޮޑު ސަރަހައްދާއި ދިގު މަގުތައް ހުންނަ ރަށްރަށަށް ސީ އެމްބިއުލާންސްގެ ހިދުމަތަށް އިސްކަންދޭން ޖެހިފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސިއްހީ ހިދުމަތް ފޯރުކޯށްދިނުމުގެ ޒިންމާއާ ހަވާލުވެވަޑައިގެންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ހިދުމަތާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އިހުސާސް ކުރެވިގެން ދިޔަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.