މިނިސްޓްރީ އޮފް ހޯމްއެފެއާޒް

އަދީބާ ގުޅޭގޮތުން އެޗްއާރްސީމް އިން ނެރުނު ބަޔާނުގައި ކަންބޮޑުވާ ކަންކަން އެބަހުރި: ހޯމް މިނިސްޓްރީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ބަދަލުކުރި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނެރުނު ބަޔާނުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެޗުއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު 24ގައި އައިޖީއެމްއެޗުގެ ޔޫރޯލޮޖިސްޓެއް ވަނީ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަންމެންޓް" އަކަށް ބަދަލުކުރެއްވުމަށް އިރުޝާދު ދީފައި ކަމަށެވެ. އެހެންނަމަވެސް ކަރެކްޝަނުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ބަޔާނާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ބާޔާނުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެކަން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު އިތުރު ތަފްސީލް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުގެ ލަފަޔާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 27ގައި އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ފަރުވާ ދިނުމަށް އަދީބު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.