އަންނަ އަހަރުގެ ބަޖެޓު، އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ތައްޔާރުކޮށްދިނުމަށް އެދިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއްގެ ފެށުމުގެ ދެ މަސްކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
ފިނޭންސްއިން ބުނީ، އެ ޒިންމާ އަދާކުރުމުގެ ގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން އެ މިނިސްޓްރީއާއި ދައުލަތުގެ މުއައްސަސާތަކުން ދަނީ 2019 ވަނަ އަހަރަށް އަންދާޒާކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު، އޮކްޓޯބަރު 31ގެ ނިޔަލަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރު ދިވެހި ދައުލަތް ހިންގާނީ އަލަށް އިންތިހާބު ކުރެވުނު ސަރުކާރުން ކަމަށްވާތީ އާއި އެ ސަރުކާރުން ދައުލަތުގެ ހިނގުމާއި ހަވާލުވާއިރު ބަޖެޓު ހުށަހެޅުމުގެ ސުންގަޑި ހަމަވާނޭތީ އައު ސަރުކާރުގެ ފަރާތުން ބަޖެޓް ތައްޔާރުކޮށްދިނުމަށް އެދިފައިވާނެއެވެ.
ބަޖެޓު ތައްޔާރުކުރުމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.