ރާއްޖޭގައި ދޫކުރަމުންދާ އެއްގަމު ޑްރައިވިން ލައިސަންސް އިންޓަރނޭޝަނަލް ލައިސަންސް އަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ވީޓީވީގެ ''އެތެރެފަރާތް'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެއްލަކިން ނަމުގައި ލައިސަންސްތަކެއް ދޫކުރުމުން މިހާރު ދޫކޮށްފައިވާ ލައިސަންސްތަކަކީ އިންޓަނޭޝަނަލް މިންގަނޑަށް ފެތޭ ލައިސަންސްތަކެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.
މީގެއިތުރުން މެލޭޝިޔާގައި ޑްރައިވިން ލައިސަންސަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ މެލޭޝިއާގެ ލައިސަންސް ސްޓޭންޑަށް ގެނައި ބަދަލާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހިން މިނިސްޓްރީއަށް ގުޅައި ލައިސަންސްގެ ސްޓޭންޑަޑް ކަނޑައަޅައިދިނުމަށް އެދެމުންދާ ކަމަށެވެ.
ނަމަވެސް އެކަމަކީ އެއްދުވަހުން ހަމަޖެހޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ބޭރު ގައުމުތަކުގެ ލައިސަންސް ގަބޫލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.