ޚަބަރު

ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަނީ

އަލީ ޔާމިން

ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްގަފޫރުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އަބްދުލްފައްތާހާ ގުޅޭގޮތުން ތަހުގީގުކުރުމަށް ނިންމާފައިވަނީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް އޭނާ އަމަލުކުރި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

ޖޭއެސްސީގެ މައްސަލަ ބެލުމާއި ގޮތެއް ނިންމާ ކޮމިޓީން އެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީ މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ތަހުގީގު ކޮމިޓީ އެކުލަވައިލީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 75 ވަނަ ބައްދަލުވުމުގައެވެ.

ދާދިފަހުން ޖޭއެސްސީން ވަނީ ގއ މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ތަހުގީގުކޮށް، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި މަޖިލީހުން ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުމުން، ޝުކޫރު މަގާމުން ވަކިކުރަން ފެންނަ ކަމަށް އިއްޔެ ކޮމިޓީން ވަނީ ނިންމައިފައެވެ. ނަމަވެސް މަޖިލިސް ތަޅުމުގައި ވޯޓަކަށް ދިއުމުގެ ކުރިން މިއަދު ޝުކޫރު އަމިއްލައަށް ވަނީ އިސްތިއުފާދެއްވައިފައެވެ.

އެ މައްސަލަ ތަހުގީގުކުރުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝުކޫރު އެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރުކުރި ފަރާތުގެ ގާނޫނީ ވަކީލާއި، ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލުދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދި ފައިވާކަން ސާބިތުވެފައިވާކަަމަށްވެސް ބުނެފައިވެއެވެ.

ހަމަ އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރި ކަމުގެ ހަމަތަކުން ބޭރުން އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.